އިންސާފުވެރި ވިޔަފާރިކުރާ މީހަކަށް ވަމާ

ތަފާތުނުކުރުން

މުދާ ވިއްކާ ފަރާތްތަކުންނާއި ޚިދުމަތްދޭ ފަރާތްތަކުން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތްދިނުމުގައި، ވަކި ފަރާތެއް ނަހަމަގޮތުގައި ތަފާތުކޮށްގެންނުވާނެއެވެ.

މަނާކުރެވިފައިވާ ޢަމަލުތައް

މުދާ ވިއްކާ ނުވަތަ ޚިދުމަތްދޭ ފަރާތްތަކުން މުދާ ވިއްކުމުގައި ނުވަތަ ޙިދުމަތްދިނުމުގައި، ބާރުގެ ބޭނުންކޮށްގެން ނުވަތަ ގަދަކަމުން ނުވަތަ އިންސާފުވެރިނޫން ވިޔަފާރީގެ އުކުޅުތައް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެކަށީގެންނުވާ ޢަމަލެއް ކޮށްގެންނުވާނެއެވެ.

މުދަލުގެ އަގުތައް ފެންނަންހުރުން

މަޢާފުކުރެވިފައިވާ މުދަލުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކެޓަގަރައިޒްކޮށްފައިވާ މުދާ ފިޔަވައި، އެހެން ހުރިހާ މުދަލެއްގެ އަގު (ވަކިން ވިއްކި ކަމުގައިވިޔަސް ނުވަތަ ބައިބަޔަށް ވިއްކިކަމުގައިވިޔަސް) ސާފުކޮށް ފެންނަން ހުންނަންވާނެއެވެ.

މުދާ ނުވިއްކޭނެ ފަދަ ހާލަތްތައް

އަންނަނިވި ޙާލަތްތަކުގައި، މުދާ ގަންނަން އެދޭ ފަރާތްތަކަށް މުދާ ނުވިއްކާ ބެހެއްޓިދާނެއެވެ.

(ހ) ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމަށްޓަކައި އެކަމެއް ބަޔާންކޮށް ވަގުތީގޮތުން މުދާ ނުވިއްކުން؛

(ށ) މުދަލެއް ގަންނަން އައި މީހާއަށް އެފަހަރު އެކަށީގެންވާ އަދަދަކަށް އެ މުދަލެއް ވިއްކާފައިވުން؛

(ނ) ގަނޑުކޮށް މުދާ ވިއްކާ ފަރާތެއްގައި، އެފަރާތަކުން ޢާންމުކޮށް ވިއްކާ އަދަދަށްވުރެ މަދު އަދަދަކަށް މުދާ ގަންނަން އެދުން.

އަގުގެ އިތުރުން އެހެން ޝަރުތާއެކު މުދާ ނުވިއްކުން

 އެއްވެސް މުދަލެއް ގަންނަމީހާ، އެ މުދަލަކާއެކު އެހެން މުދަލެއް ގަތުން ޝަރުތުކޮށް، ނުވަތަ އެ މުދަލެއް ގަތުމަށްޓަކައި އެ މުދަލެއްގެ އަގު ދިނުމުގެ އިތުރަށް އެހެންކަމެއް ކުރުން ޝަރުތުކޮށް މުދާ ވިއްކައިގެން ނުވާނެއެވެ. އެހެންނަމަވެސް، އެއްވައްތަރެއްގެ އެކައްޗަށްވުރެ ގިނަ ތަކެތި އެއްކޮށް ނުވަތަ އެއް ބާވަތަށްވުރެ ގިނަ ބާވަތްތަކުގެ ތަކެތި އެއްކޮށް ބަންދުކޮށްފައި ވިއްކަން ނެރެފައިވާނަމަ އެގޮތަށް އެ ތަކެތި ވިއްކުމަކަށް ނުވަތަ ވަކިން ގަންނަން އެދޭ މީހަކަށް، ވަކިން ގަންނަން ލިބެން ހުންނަ މުދަލެއް، އެހެން މުދަލަކާ ނުވަތަ މުދާތަކަކާއެކު ބަންދުކޮށްގެން ވިއްކުމަކަށް ހުރަހެއްނޯންނާނެއެވެ. 

މުދަލުގައި ލޭބަލްކުރުން

ވިއްކުމަށްޓަކައި އިމްޕޯޓްކޮށްފައި، ނުވަތަ ދިވެހިރާއްޖޭގައި އުފައްދާފައި ހުންނަ، ނުވަތަ ޕެކެޓްކޮށް ނުވަތަ ދަޅުގައި ނުވަތަ ފުޅީގައި ނުވަތަ ފޮށީގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކުގައި، އެއީ ކޮންބާވަތެއްގެ އެއްޗެއްކަމާއި، އޭގައި ހިމެނޭ ބައިތަކާއި، ބަރުދަން ނުވަތަ މިންވަރު، އަދި އުފެއްދި ތާރީޚާއި، އެ އެއްޗެއް ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅިފައިވާނަމަ އެ މުއްދަތާއި، ވަކި ގޮތަކަށް ބޭނުން ކުރަންޖެހޭ އެއްޗެއްނަމަ، ބޭނުންކުރަންޖެހޭގޮތް، އެ ތަކެތީގައި ނުވަތަ އެ ތަކެތި ބަންދުކޮށްފައިވާ ދަޅު، ފުޅި، ޕެކެޓް ނުވަތަ ފޮށީގައި، މިނިސްޓްރީން ކަނޑައަޅާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ލިޔެފައި ހުންނަންވާނެއެވެ

ޚިދުމަތުގެ އަގާއި ޝަރުތުތައް އެނގެން ހުރުން

ޚިދުމަތްދޭ ފަރާތުން ޚިދުމަތްދޭ އަގާއި، ވަކި ޝަރުތުތަކެއްގެ މަތިން ދޭ ޚިދުމަތެއްނަމަ، އެ ޝަރުތުތައް ލިޔެފައި ފަސޭހައިން ފެންނާނެގޮތަކަށް ޚިދުމަތްދޭ ތަނުގައި ބަހައްޓަންވާނެއެވެ. ނުވަތަ ޚިދުމަތަށް އެދޭ މީހާ ބޭނުންނަމަ، އެ މަޢުލޫމާތު ހިމެނޭ ލިޔުމެއް ޚިދުމަތްދޭ ތަނުން އެ މީހަކަށް ލިބޭގޮތަށް ހަމަޖެހިފައި އޮންނަންވާނެއެވެ. އަދި ޚިދުމަތަށް އެދި ފުރަންޖެހޭ އެއްވެސް ފޯމެއް ބޭރުބަހަކުން އޮތްނަމަ، އެ ފޯމު ފުރުމާބެހޭ ހުރިހާކަމެއް ދިވެހި ބަހުންވެސް ކުރެވޭގޮތަށް ޚިދުމަތްދޭ ތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ

މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވިއްކުން

ބޭނުންކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ހުންނަ ތަކެތި، އެ މުއްދަތު ހަމަވުމަށްފަހު ވިއްކުމަށް ބެހެއްޓުމާއި، ހަލާކުވެ ނުވަތަ ނުބައިވުމުގެ ސަބަބުން އިންސާނުން ކެއުމަށް ނުވަތަ ބުއިމަށް ނުވަތަ ބޭނުންކުރުމަށް އެކަށީގެންނުވާ ތަކެތި ވިއްކުމަށް ބަހައްޓައިގެން ނުވާނެއެވެ.

ފައިސާ ދެއްކި ކަމުގެ ރަސީދުތަކުގެ ކޮޕީއެއް ދިނުން

ގަންނަ މުދަލެއް ނުވަތަ ހިދުމަތެއްގެ ތަފްސީލު (ކުއަންޓިޓީ އާއި ބާވަތް ހިމެނޭ ގޮތަށް)، އަގު، ގަންނަ ތާރީހް، ވިއްކާ ފަރާތުގެ ނަން އަދި އެޑްރެސް ހިމެނޭ ސޭލްސް ރިސިޕްޓް މުދާ ވިއްކާ ފަރާތުން ނުވަތަ ޚިދުމަތްދޭ ފަރާތުން މުދާ ގަންނަ ފަރާތަކަށް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަކަށް ދޭންޖެހޭނެ.

ގުޅުއްވުމަށް

ވެލާނާގެ, 11 ފަންގިފިލާ
08:00 – 14:00
[email protected]
3323668 960+​