ކޮންސިއުމަރ އޮންބަޑްސްމަން އޮފީހުގެ މަޢުލޫމާތު

ތަޢާރަފް

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަކީ ޤާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤާނޫނީ އިދާރާއެކެވެ. މި ޤާނޫނު ތަޞްދީޤުކޮށް، މި ޤާނޫނަށް ޢަމަލުކުރަން ފެށީ، 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާއި ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކުރުމެވެ.  

މި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ 31 އޯގަސްޓް 2021 ގައެވެ. މި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ ވާޖިބަކީ، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމެށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލައި މުދާ ގަންނަ ފަރާތްތަކަށް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ޙާލަތުގައި ބަދަލު ނަގައިދިނުމެވެ. 

 

ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްޢޫލިއްޔަތަކީ: 

- މި ޤާނޫނުގެ ދަށުން ކުރާ ޤާނޫނާ ޚިލާފު ޢަމަލުތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުން. 

- ހުށަހެޅޭ ޝަކުވާތައް ތަޙުޤީޤުކުރުން 

- ޤާނޫނަށް ޢަމަލު ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދިނުން. 

- ޤާނޫނާ ޚިލާފުވެފައިވާ އެއްވެސް ފަރާތަކާމެދު ފިޔަވަޅުއެޅުން 

- ހުށަހެޅޭ ޝަކުވާތަކުގެ ތަޙުޤީޤު ރިޕޯޓް އާންމުކުރުން.