ގަންނަ މުދާ ވަކި ޝަރުތުތަކެއްގެ މަތިން އަނބުރާ ރައްދުކުރުމުގެ ޙައްޤު
މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު ވަކިގޮތަކަށް އެއްބަސްނުވެ ގަނެފައިވާ މުދަލަކީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ މުދަލެއްނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މުދަލެއް ނުވަތަ އެ މުދަލެއްގެ ބައެއް އަނބުރާ ވިއްކާ ފަރާތަށް ރައްދުކުރުން ނުވަތަ އެ މުދަލެއް ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ޙައްޤު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.
މުދަލެއް ހަލާކުވެފައިވާނަމަ، އެކަމުގެ މަޢުލޫމާތު ލިބުމުގެ ޙައްޤު
މުދަލަކީ ހަލާކުވެފައިވާ މުދަލެއްނަމަ، ނުވަތަ އެ މުދަލަކީ ފުރިހަމައަށް ބޭނުން ނުކުރެވޭ ގޮތަކަށްހުރި މުދަލެއްނަމަ، އެ މުދަލެއް ގަންނަ ފަރާތަކަށް، އެ މުދަލެއް ވިއްކުމުގެ ކުރިން އެކަން އަންގަންވާނެއެވެ.
މުދާ ބަލައި ޓެސްޓް ކުރުމުގެ ޙައްޤު
ގަންނަ މުދަލަކީ ހަލާކުވެފައިނުވާ، އަދި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ މުދަލެއްކަން ދެނެގަތުމަށްޓަކައި، އެ މުދަލެއް ގަންނަ ފަރާތަކުން އެ މުދަލެއް ބަލައި، ޓެސްޓުކުރަން އެދިއްޖެނަމަ، އެފަރާތަކަށް އެ މުދަލެއް ދައްކައި، އަދި އެ މުދަލަކީ ޓެސްޓުކުރެވޭ ބާވަތުގެ މުދަލެއްނަމަ، އެފަރާތެއްގެ ހާޒިރުގައި އެ މުދަލެއް ޓެސްޓުކުރުމުގެ ޙައްޤު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.
ކޮންސިއުމަރ އޮމްބަޑްސްމަންއަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠެއް ގަންނަ މުދަލެއްގައި ފުރިހަމަނުވެގެން ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މި ޤާނޫނުގެ ދަށުން ޢައްޔަންކުރާ އޮމްބަޑްސްމަނަށް ހުށަހެޅުމުގެ ނުވަތަ ދަޢުވާކުރުމުގެ ޙައްޤު މުދާ ގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
ލިބިގަންނަ ޚިދުމަތް ރަނގަޅުކުރުމަށް އެންގުމުގެ ޙައްޤު
ލިބިގަންނަ ޚިދުމަތެއްގައި މައްސަލައެއްވާނަމަ، އެކަމެއް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ޚިދުމަތްދޭ ފަރާތަށް އެންގުމުގެ ޙައްޤު ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ.
ލިބިގަންނަ ޚިދުމަތެއްގައިވާ ބޮޑެތި މައްސަލަތައް ހައްލުނުކުރެވޭ ހާލަތްތަކުގައި އެއްބަސްވުން އުވާލާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު
ލިބިގަންނަ ޚިދުމަތެއްގައިވާ މައްސަލައަކީ، އެކަމެއްގެ ޒާތުން ބޮޑު މައްސަލައެއް ކަމަށްވެފައި، އެކަމަކީ ރަނގަޅު ނުކުރެވޭނެ ކަމެއް ނަމަ، އެ ޚިދުމަތެއް ލިބިގަތުމުގެ އެއްބަސްވުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އުވާލައި، އެކަމެއްގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ.
މުހިންމު ލިންކްސް
ގުޅުއްވުމަށް
ވެލާނާގެ, 11 ފަންގިފިލާ
08:00 – 14:00
[email protected]
3323668 960+